"ޖޭޕީގެ މީހެއް" ގެ ލޭބަލަކީ ސިޔާސީ އުކުޅެއް
ހަަސަން
ލިޔުންތެރިޔާ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާދަކުރައްވާނެކަން ހާމަކުރެއްވި ހިސާބުން، ސިޔާސީ ބައެއް ފަރާތްތަކުން ޖަހަން ފެށި އެއް ލޭބަލަކީ އޭނާއަކީ "ޖޭޕީގެ މީހެއް" ކަމުގެ ވާހަކައެވެ. ނަމަވެސް، ރާއްޖޭގެ ސިޔާސީ ތާރީޚަށާއި ފެންނަން ހުރި ސާފު ހެކިތަކަށް ބަލާއިރު، މިއީ އެއްވެސް ބުރަދަނެއް ނެތް އަދި ސިޔާސީ ވާދަވެރިކަމުގައި ހިންގާ ދެފުށްދެކެހި ކުޅިގަނޑެކެވެ.
ޕާޓީތައް ބަދަލުވުމުގެ ހަގީގަތް: އެހެން ލީޑަރުންނަށް އޮތް ހަމަ
އެމްޑީޕީގެ އިސް ސަފުގައި މިއަދު ތިއްބެވި އަދި ޕާޓީގެ ޒައާމަތު ބެލެހެއްޓެވި ބައެއް ލީޑަރުންނަކީ ކުރީގެ ވެރިކަމާއި އެކި ޕާޓީތަކުން ވަޑައިގެންނެވި، ނުވަތަ ޕާޓީ ދޫކުރައްވައި އަމިއްލަ ޕާޓީ ހެއްދެވުމަށްފަހު އަލުން އެނބުރި ވަޑައިގެންނެވި ބޭފުޅުންނެވެ. މިފަދަ ހުރިހާ ބޭފުޅުންނަށް ޕާޓީގެ އިސް ސަފުން ޖާގަ ލިބެމުންދާއިރު، ވަކި ބަޔަކު ކުރިން އެހެން ޕާޓީއެއްގައި އުޅުމަކީ މައްސަލައަކަށް ހަދައި ލޭބަލް އެޅުވުމަކީ އިންސާފުވެރި ހަމައެއް ނޫނެވެ.
2018 ގެ ރަނިންމޭޓު ހޮވުން: ޤާސިމްގެ ތާއީދަކާ ނުލައި ހޯއްދެވި ކާމިޔާބީއެއް
ފައިސަލްއަކީ ޖުމްހޫރީ ޕާޓީގެ ވަކި އެޖެންޑާއެއް އޮތް ބޭފުޅެއް ނޫންކަން އެންމެ ސާފުކޮށް ފެނުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓަކު ހޮވުމަށް ޖޭޕީގެ ކައުންސިލުގައި ވޯޓު ނެގިއިރު، ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ފައިސަލް ނަސީމަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އާންމުކޮށް ފާޅުގައި އިއުލާނު ކުރައްވާފައެވެ.

އެހެންކަމުން، ފައިސަލް ރަނިންމޭޓުކަން ކާމިޔާބު ކުރެއްވީ ޕާޓީގެ ލީޑަޝިޕްގެ އިރުޝާދަކަށް ބަރޯސާވެވަޑައިގެން ނޫނެވެ. އެއީ އެ ޕަޓީގެ ކައުންސިލް މެންބަރުންގެ އަޣުލަބިއްޔަތު އޭނާއަށް ލިބިވަޑައިގަތް ރަނިންމޭޓް ކަމެކެވެ.
5 އަހަރުގެ ފުރިހަމަ ދައުރު: ހަމަޖެހުމާއި ވަފާތެރިކަމުގެ މިސާލެއް
ދިވެހިރާއްޖޭގެ 2008 ގެ ފެހި ގާނޫނުއަސާސީގެ ދަށުން، ސިޔާސީ ހަލަބޮލިކަމެއް ނުއުފައްދަވައި، ރައީސުލްޖުމްހޫރިއްޔާއާ ޚިޔާލުތަފާތުވެ ވެރިކަން ވައްޓާނުލައި، ފުރިހަމަ 5 އަހަރުގެ ދައުރެއް ނިންމެވި ހަމައެކަނި ނައިބު ރައީސަކީ ފައިސަލް ނަސީމެވެ.
2018 އިން 2023 އަށް އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ދެމެހެއްޓެވުމުގައި ފައިސަލް އަދާކުރެއްވީ ނަމޫނާ ދައުރެކެވެ:
އަމާނާތްތެރިކަން: ރައީސުލްޖުމްހޫރިއްޔާ ސިއްހީ ފަރުވާއަކަށް ވަޑައިގެންނެވި މަދު ވަގުތުކޮޅުގައި ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގެން، ގާނޫނުއަސާސީގެ އިމުގެ ތެރެއިން ދެއްކެވި ޒިންމާދާރުކަން.
ސަރުކާރުގެ ހަމަޖެހުން: ކޯލިޝަންގެ ބައިވެރިންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގައިވެސް، އެމްޑީޕީ ސަރުކާރު ބަލިކަށިވިޔަނުދީ އެންމެ ފަހު ދުވަހާ ހަމައަށް ހުންނެވި ސާބިތުކަން.
2023 ގެ ރިޔާސީ އިންތިޚާބު: ޖޭޕީއަށް ނުދެއްވި އެއްބާރުލުން
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ޖޭޕީން ސަރުކާރާ ދުރަށް ޖެހި، ވަކިން އިންތިޚާބަށް ނުކުތް ހިސާބުންވެސް ފައިސަލް އިސްކުރެއްވީ އެމްޑީޕީގެ ސަރުކާރު ދެމެހެއްޓުމެވެ. ފައިސަލް އެއްވެސް އިރެއްގައި ޖޭޕީގެ ރިޔާސީ ކެމްޕޭނުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އަދި އެ އިންތިޚާބުގައި ފައިސަލްގެ އެއްވެސް އެހީތެރިކަމެއް ނުވަތަ އެއްބާރުލުމެއް ޖޭޕީއަށް ނުލިބޭކަން އެ ޕާޓީން އަމިއްލައަށް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ސަރުކާރުގެ ދައުރު ނިމުމަށްފަހު، 2024 ގެ ކުރީކޮޅު ފައިސަލް ރަސްމީކޮށް ޖޭޕީން ވަކިވެވަޑައިގެން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ، އެމަނިކުފާނުގެ ހިތުގައި އިސްލާހީ ފިކުރަށް އޮތް ލޯތްބާއި އިހުތިރާމް ދައްކުވައިދެމުންނެވެ.

ބިރުގަންނަނީ ޖޭޕީގެ ލޭބަލަކަށް ނޫން،
ފައިސަލް ނަސީމަކީ ކޮރަޕްޝަނާއި ޚިޔާނާތުގެ އެއްވެސް ތުހުމަތެއް ނެތް، ޒާތީ އަރާރުންތަކުން އެއްކިބާވެވަޑައިގެން ހުންނެވި، ހުރިހާ ފަރާތްތަކަކާ އެކުވެސް މަސައްކަތް ކުރެއްވުމުގެ ރިވެތި އަޚްލާގު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެހެންކަމުން، މިއަދު ފައިސަލްއާ ދެކޮޅަށް "ޖޭޕީ މީހެއް" ގެ ޓެގް އެޅުވުމަކީ ހަގީގަތެއް އޮވެގެން ކުރާ ކަމެއް ނޫނެވެ. އެއީ އޭނާގެ މަގުބޫލުކަމާއި، ސިޔާސީ ތަޖުރިބާއާއި، ދިވެހި ރައްޔިތުންގެ މެދުގައި އޮތް އިތުބާރަށް ބިރުން، ސިޔާސީ ގޮތުން ޖަހާ ބޭކާރު ބެރެކެވެ.. އެމްޑީޕީ އަލުން އާރާސްތުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފައިސަލްގެ މި ހަމަޖެހުމާއި ތަޖުރިބާއަކީ ޕާޓީއަށާއި ގައުމަށް ލިބޭނެ ވަރަށް ބޮޑު ހަކަތައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް