ފައިޞަލްގެ ބަޔޮގްރަފީން ސަފްހާއެއް: 2005 ގެ ސިޔާސީ ކޮޅިގަނޑުގައި ރައްޔިތުންގެ ބަހަށް އިސްކަންދެއްވި ގޮތް
ހަަސަން
ލިޔުންތެރިޔާ
އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް: ޑިސެމްބަރު 2005
ރާއްޖެއަށް މަލްޓި-ޕާޓީ ސިޔާސީ ނިޒާމު ތައާރަފުވެ، ސިޔާސީ ޕާޓީތައް ރަސްމީކޮށް އުފެއްދުމުގެ ހުއްދަ 2005 ވަނަ އަހަރު ލިބިގެން ދިޔުމާއެކު، އޭރުގެ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ކުރިމަތިވީ އާދަޔާޚިލާފު ސިޔާސީ އިމްތިހާނެކެވެ. ޕާޓީ ނިޒާމު އައުމުގެ ކުރިން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވެ، މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަކިވަކި ޕާޓީތަކަށް ވެންނެވުމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާން ފެށިއެވެ.
ޚާއްޞަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލުކުރައްވަމުން ގެންދެވި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރަކު ވަގުތުން އެކި ސިޔާސީ ޕާޓީތަކާ ގުޅިވަޑައިގަތެވެ. ނަމަވެސް، ފުވައްމުލަކު މެންބަރު ފައިޞަލް ޚިޔާރުކުރެއްވީ އެހެން މަގެކެވެ. އެހެން މެންބަރުން އެ ބޭފުޅަކަށް ފެނިވަޑައިގެންނެވި ޕާޓީތަކާ ގުޅިވަޑައިގެންނެވި ނަމަވެސް، ފައިޞަލް ސާބިތުވެ ހުންނެވީ އޭނާއަށް ވޯޓު ދިން ރައްޔިތުންގެ ބަހެއް ނެތި އެފަދަ ބޮޑު ސިޔާސީ ނިންމުމެއް ނުނިންމެވުމަށެވެ.
"އަޅުގަނޑަކަށް ސޮއެއް ނުކުރެވޭނެ، ރައްޔިތުންގެ އެޕްރޫވަލް ނެތި"
އެ ދުވަސްވަރު ކުރިމަތިވި ފިއްތުންތަކާއި ޕްރެޝަރުތައް ހަނދާން އައުކުރައްވަމުން ފައިޞަލް ވިދާޅުވީ، އެހެން މެންބަރުން ސޮއިކުރެއްވުމާއެކު ހުރިހާ ސަމާލުކަމަކާއި ޕްރެޝަރެއް އަމާޒުވީ އޭނާއަށް ކަމަށެވެ.
"އެ ހިސާބުން އަޅުގަނޑާ ދިމާއަށް ހުރިހާ އެޓޭކެއް އަންނަނީ. ސޮއި ކުރާށޭ ސޮއިކުރާށޭ ކިޔާފަ. ދެން އަޅުގަނޑު ބުނިން އަޅުގަނޑަކަށް ސޮއެއް ނުކުރެވޭނެޔޭ އެހާ ފަސޭހައިންނެއް. އަޅުގަނޑު އިސްލާޙުގެ މަސައްކަތުގައޭ މިހުރީ. އޭރު އެމްޑީޕީއަށް ނިސްބަތްވާ މީހުންނާ އެއްކޮށް އަޅުގަނޑު ހުރީ. އެމީހުންނާ އެއްކޮށް މަސައްކަތްކުރީ. އަޅުގަނޑު ބުނިން އަޅުގަނޑަކަށް ސޮއެއް ނުކުރެވޭނެޔޭ، ރައްޔިތުންގެ އެޕްރޫވަލް ނެތި."
ރަށަށް ވަޑައިގެން ރައްޔިތުންގެ އަޑު އެއްސެވުން
އަމިއްލަ ނިންމެވުމުގެ މައްޗަށް ރައްޔިތުންގެ ބަސް އިސްކުރައްވައި، ފައިޞަލް ފެއްޓެވީ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމުގެ މަސައްކަތެވެ. މިގޮތުން ފުވައްމުލަކަށް ވަޑައިގެން، ރަށުގެ އެކި ސަރަހައްދުތަކުގައި އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
އެ ބައްދަލުވުންތަކުގައި ރައްޔިތުންނާ މައިގަނޑު ގޮތެއްގައި ކުރިމަތިކުރެއްވި ސުވާލަކީ، އޭނާ ދެން ގުޅިވަޑައިގަންނަވަން ފެންނަނީ ކޮން ސިޔާސީ ޕާޓީއަކާތޯއެވެ. ރަށުގެ އެކި ކަންކޮޅުތަކުން ރައްޔިތުން ދިން ޖަވާބު ވަރަށް ސާފެވެ؛ ބައްދަލުވުންތަކުގައި ބައިވެރިވި ރައްޔިތުންގެ ގާތްގަނޑަކަށް 70 ޕަސެންޓު މީހުން އެދުނީ ފައިޞަލް އެމްޑީޕީއާ ގުޅިވަޑައިގަތުމަށެވެ.
އެމްޑީޕީގެ ސަފަށް: އާ ޤާނޫނުއަސާސީ ނިމެންދެން ސާބިތުކަމާއެކު
ރައްޔިތުންގެ އަޣުލަބިއްޔަތު ޚިޔާލާއި ތާއީދާއެކު މާލެ ވަޑައިގެން، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގައި ފައިޞަލް ރަސްމީކޮށް އެ ޕާޓީއަށް ސޮއިކުރެއްވިއެވެ. އެއަށްފަހު، މަޖިލީހުގެ ތަޅުމުގައި އޭނާ މަސައްކަތް ކުރެއްވީ އެމްޑީޕީ ތަމްސީލުކުރައްވާ ވަރުގަދަ މެންބަރެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ، ފެހި ޤާނޫނުއަސާސީ އެކުލަވައިލުމުގެ ހުރިހާ މަސައްކަތެއް ނިމިގެން ދިޔައީ 26 ޖޫން 2008 ގައެވެ. އެ ތާރީޚީ މަރުހަލާގެ ހުރިހާ މަސައްކަތެއް ނިމެންދެން ވެސް، ފައިޞަލް ސާބިތުވެ ހުންނެވީ އެމްޑީޕީ ތަމްސީލުކުރައްވާ އިސްލާޙީ މެންބަރެއްގެ ގޮތުގައެވެ.
އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރުގައި (2018 އިން 2023 އަށް) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމު ފައިޞަލް ފުރުއްވީ ނަމޫނާ ވަފާތެރިކަމަކާއި ހިކުމަތްތެރިކަމަކާ އެކުގައެވެ. ރާއްޖޭގެ ވެރިކަމުގެ ތާރީޚަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާއާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހި، މަގާމުގެ ފުރިހަމަ 5 އަހަރުގެ ދައުރު ކާމިޔާބުކަމާއެކު ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ވެސް ފައިޞަލް ނަސީމެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެސް ސަރުކާރު ދަމަހައްޓައި، ދައުލަތަށް އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވާފައެވެ.
(ރިފަރެންސް: ފައިޞަލްގެ ބަޔޮގްރަފީ، ސަފްހާ 148)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް