ސައިކަލު ޓޯކުރުމުގައި އިހުމާލުވި ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން: ސައިކަލް ވެއްޓި ފުލުހުން ފިލި ވާހަކަ ދޮގުކޮށްފި
ހަަސަން
ލިޔުންތެރިޔާ
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ސައިކަލުތައް ފުލުހުން ޓޯކޮށް ގެންދިއުމުގެ ތެރޭގައި މުދަލަށް ގެއްލުންވާ ގޮތަށް އިހުމާލުވަމުންދާ ކަމަށް ބުނެ އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ނަމަވެސް، ސައިކަލެއް ވެއްޓުމުން ފުލުހުން އެ ސަރަޙައްދު ދޫކޮށް ފިލި ކަމަށް ބުނެ ދެކެވޭ ވާހަކަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ދޮގުކޮށްފައެވެ.
މިއަދު މެންދުރުފަހު ހުޅުމާލެ ފޭސް 2 ގެ ޝަހީދު ޢަލީ ހިނގުން ސަރަޙައްދުން ޕިކަޕުތަކަކަށް ސައިކަލުތައް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް، ފޭސްބުކްގައި މީހަކު ބުނެފައިވަނީ އެއީ އުކާލާފައިވާ ބާ ސައިކަލުތަކެއް ފަދައިން ގެންދިޔަ ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި އުޅަނދުތަކެއް ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޖޫރިމަނާ ދެއްކުމުން ހަވާލުކުރަންޖެހޭ ރައްޔިތުންގެ މިފަދަ އަގުބޮޑު މުދަލަށް ގެއްލުންވާ ގޮތަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމުން ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭނެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލައިގައި އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވަނިކޮށް، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ވީޑިއޯއިން ފެންނަނީ ޓްރެފިކް ޤަވާއިދާ ޚިލާފުވެގެން ހުޅުމާލެ ފޭސް 1 ގެ ވިނަރެސް ފްލެޓްތަކުގެ ކައިރީގައި ޕާކުކޮށްފައި އޮތް ސައިކަލެއް ޓޯކުރުމަށްޓަކައި ޕިކަޕަށް އެރުވުމުގެ ތެރޭގައި ވެއްޓިފައިވާ ސައިކަލެއް ކަމަށެވެ. އަދި އެ ސައިކަލް ވެއްޓުމަށްފަހު ފުލުހުން ފިލައިގެން ގޮސްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތެއް ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، އެ ސައިކަލަކީ އޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ހުޅުމާލެ ފޭސް 1 ގެ ވިނަރެސް ފްލެޓް ކައިރިން، ފޭސް 2 ގެ ފްލެޓް އަޅަމުންދާ ސަރަޙައްދު ކައިރީގައި ހުރި ވިނަރެސް ސައިޓަށް ގެންދިއުމަށް މަސައްކަތްކުރި ސައިކަލެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް