ޞައްޙަ ޢަޤީދާ ދެނެގަނެ، ދީނާ ދުރު ފިކުރުތަކުން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
ހަަސަން
ލިޔުންތެރިޔާ
އިސްލާމްދީނަކީ ހަމައެކަނި ވާރުތަވަމުން އަންނަ ތަރިކައެއްގެ ގޮތުގައި ނުދެކި، ދީނާ ދުރު ފިކުރުތަކުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ޞައްޙަ ޢަޤީދާ ރަނގަޅަށް ދަސްކޮށް އެ ގޮތުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.
އެންމެ އަގުބޮޑު ނިޢުމަތަކީ އީމާންކަން
25 ސެޕްޓެންބަރު 2026 ވީ ހުކުރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބަޔާންކޮށްފައިވަނީ، އިންސާނާއަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އީމާންކަމާއި އިސްލާމްކަމުގެ ނިޢުމަތް ކަމަށެވެ. އަދި ދުނިޔެވީ ފާގަތިކަމާއި ތަނަވަސްކަން ހޯދުމަށް މަސައްކަތްކުރާ ފަދައިން، ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިއަކަށް ވުމަށް އިސްކަންދޭންޖެހޭ ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. މީގެއިތުރުން، ޤިޔާމަތް ދުވަހު މުދަލާއި ދަރިންގެ ސަބަބުން އެއްވެސް މަންފާއެއް ނުކުރާނެ ކަމަށާއި، ފައިދާކުރާނީ ސަލާމަތްވެގެންވާ ހިތަކައިގެން ﷲގެ ޙަޟްރަތަށް ދިޔަ މީހަކަށް ކަމުގައި ކީރިތި ޤުރްއާނުގެ އާޔަތްތަކުން ދަލީލު ދައްކަވާފައިވެއެވެ.
ޖާހިލިއްޔަތުކަމުގެ ނުރައްކަލާއި އީމާންކަން ދަސްކުރުން
ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ބަސްފުޅަކާ ޙަވާލާދީ ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގެ ބިންގާތައް އެކައްޗަށް ފަހު އަނެކައްޗެއްގެ ގޮތުގައި ނެތިގެންދާނީ ޖާހިލިއްޔަތުކަމުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އިސްލާމީ އުންމަތުގައި އުފެދިގެން ދިޔުމުންނެވެ. އެހެންކަމުން، ﷲ ދެއްވާފައިވާ މި މަތިވެރި ނިޢުމަތް ބީވެގެން ހިނގައިދާނެކަމުގެ ބިރުވެތިކަން ހިތުގައި ބާއްވައި، އީމާންކަން ވަރުގަދަކުރުމަށް ވަނީ ގޮވާލާފައެވެ.
އަދި ޞަޙާބީ ޖުންދުބު ބިން ޢަބްދިﷲ ގެ ރިވާޔަތެއް ފާހަގަކުރައްވަމުން ޚުތުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ ﷺ ގެ އަރިހުން ޞަޙާބީން ޒުވާން ޢުމުރުފުޅުގައި ކީރިތި ޤުރްއާން އުނގެނުމުގެ ކުރީންވެސް އީމާންކަން ދަސްކުރެއްވި ކަމަށެވެ. އޭގެ ސަބަބުން، ޤުރްއާން އުނގެނިވަޑައިގަތުމުން އެބޭކަލުންގެ އީމާންކަން އިތުރަށް ހަރުދަނާވެގެން ދިޔަކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ރާއްޖެއަށާއި ފަލަސްޠީނަށް ހެޔޮ ދުޢާ
މިއަދުގެ ޚުތުބާ ނިންމާލާފައިވަނީ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އަމާންކަން ރައްކާތެރިކޮށްދެއްވުމަށާއި، ރާއްޖޭގެ އިޤްތިޞާދާއި ދަނޑުވެރިކަމާއި މަސްވެރިކަމުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރަމުންނެވެ. މީގެއިތުރުން، އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ނަޞްރުދެއްވައި އެހީތެރިވެވޮޑިގަތުމަށް އެދި ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް